ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ނެޕާލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނެޕާލްގެ ބޮޑުވަޒީރު މިސްޓަރ ޕުޝްޕާ ކަމާލް ދަހާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ބޮޑުވަޒީރުގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޙަންމަދު ނަޝީދުގެ ޚާއްޞަ ހެޔޮއެދުންތައް ނެޕާލްގެ ބޮޑުވަޒީރަށާއި ސަރުކާރަށް ފޮނުއްވައި، އަދި ނެޕާލްގެ ވެރިކަން އަމާންކަމާއި އޮމާންކަމާއެކު ބަދަލުވެގެންދިޔައީތީ، އެކަން ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްގެ ވާހަކަފުޅުގައި، ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ސިޔާސީ ޕާޓީތައް ވާދަކުރި އިންތިޚާބުގައި ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށްޓަކައި ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަންވެސް ވަރަށް އޮމާންކަމާއެކު ބަދަލުވެގެން ދިޔައީތީ، އެކަމަށްޓަކައިވެސް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނެޕާލާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެޤައުމުން އަހަންމިއްޔަތުކަންދޭ މައްސަލަތަކާ ބެހޭގޮތުން ނެޕާލްގެ ބޮޑުވަޒީރާއި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު އަފްޝާން ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ނެޕާލަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސައުތު އޭޝިއާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)ގެ އެގްޒެކެޓިވް ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގަޔާއި، 8 ވަނަ ބޯޑް މީޓިންގގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.