ދިވެހި ޤައުމިއްޔަތު ބިނާކުރުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މުހިންމު ތަރިކަތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި ޘަޤާފަތު ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމިއްޔަތާ ގުޅޭގޮތުން ފިކުރު ހިންގަވައި ވިސްނަވައި، އެކަމުގެ ފަލްސަފާވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ޤައުމިއްޔަތު ޚާއްޞަ ގޮތެއްގައި ބިނާވެގެންދަނީ، އަދަބިއްޔާތާ ގުޅިގެންކަން ފާހަގަކުރެއްވިއެވެ. އަދި އިންސާނުން ދިރިއުޅޭ ވަކި ސަރަޙައްދެއް އެއީ ވަކި ޤައުމެއްގެ ގޮތުގައި ކަނޑައެޅި، އެ ޤައުމު ޤައުމެއްގެ ސިފައިގައި ދެމިއޮންނަނީ، ވަކި ޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް ކުރެވުނީމާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޖަމާޢަތް ހެދުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އެއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ފުރިހަމައަށް ބިނާކުރުމަށް ބޭނުންވާ ވަސީލަތްތަކެއް ކަމަށާއި، މިކަންކަމުގެ ތެރެއިން، ކުރިއަށްވުރެ މާފުރިހަމަ ޤައުމިއްޔަތެއް ބިނާވުމަށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ މަގުފަހިކޮށްދޭ ކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަ ކުރުމަށްޓަކައި މި ރާއްޖޭގެ ތާރީޚީ ކަންކަން އަޅުގަނޑުމެންނަށް ފުރިހަމައަށް ފިލާސާފުވާން އެބަޖެހޭކަން ބަޔާންކުރައްވަމުން، ބުރާރު ވާހަކައިގެ މައްޗަށް ނުވަތަ ބޮޑުތަކުރުފާނުގެ ވާހަކައިގެ މައްޗަށް ބިނާވެ، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ޤައުމިއްޔަތު ފޯރުކޮށްދޭން ދަތިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ދިރާސާކުރެވި ޢިލްމީ ނަޒަރަކުން ސައިންޓިފިކް ތަޙްލީލުގައި އަންނަން އޮތް ޖީލުތަކަށް މި ވާހަކަ ފޯރުކޮށްދެވިގެން މެނުވީ، އަޅުގަނޑުމެންނަށް މި ޤައުމިއްޔަތު ހިފެހެއްޓޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ދިރާސާއާއި ތަޙުލީލުތައް އަޅުގަނޑުމެންގެ ޒުވާނުން ކުރިއަށްވުރެ ޖޯޝުގައި ހިންގަމުން ގެންދިޔުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދިއްދޫގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުތައް ދެއްވުން އޮތެވެ. އަދި މިއަންނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން ޤައުމީ ފެންވަރުގައި އިތުރު ހަތަރު އިނާމެއް ދެއްވުމަށް ހަމަޖެއްސެވިކަން މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު އިޢްލާނު ކުރެއްވިއެވެ. އެ ހަތަރު އިނާމަކީ، ޓޫރިޒަމް އެމްޕްލޯއިމަންޓް އެވޯޑާއި، ޓުއަރ ގައިޑުންނަށް ދެވޭ ޓޫރިސްޓް އެމްބެސެޑަރ އެވޯޑާއި، ޑައިވް ސްކޫލްތަކުގެ ތެރެއިން ދެއްވާ ޑައިވް ސްކޫލް އެވޯޑާއި، ޓޫރިސްޓް އުޅަނދުފަހަރުގެ ޚިދްމަތް ފާހަގަކުރައްވައި ދެއްވާ ޓޫރިސްޓް ކްރޫޒް ވެސަލް އެވޯޑެވެ.

މިރޭގެ ޖަލްސާ ނިމިގެންދިޔައީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޚާއްޞަ ދުޢާއަކުންނެވެ.