ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއިން މިއަދު މަޝްވަރާކުރައްވައިފިއެވެ.

މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ޙައްލެއް ހޯދުމަށް އެކުވާލެއްވި މި ކޮމިޓީއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި، މިކަމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިއްތިޙާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެދީނުގެ ވަޙުދަތަށް ބުރޫއަރާފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެކަމަށާއި އަދި މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ޙައްލުކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެނޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން މިކަމުގައި ހޯއްދެވުމަށް ކޮމިޓީއިން ނިންމެވިއެވެ.