ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލަންސީ ކެއިކޯ ޔަނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަގުބޫލު މަންޒިލެއްގެ ގޮތުގައި ޖަޕާނަށް ތަޢާރަފު ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ވިޔަފާރީގެ ރޮނގުންނާއި، ތައުލީމީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކާމެދު ވާހަކަފުޅު ދެއްކެވިއެވެ. 

މި ބައްދަލުކޮށްލެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެޤައުމަށް މަންފާކުރާނެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ޖަޕާނުގެ ސަފީރު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި އެކަންތައްތައް ޙާޞިލުކުރުމުގައި ޖަޕާނުން ވެދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.