ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ހަރޯ ކަމަރައިނެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ފިންލޭންޑްގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފިންލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ފިންލޭންޑްގެ ‏‏އާ ސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

މި ބައްދަލުކޮށްލެއްވުމުގައި ފިންލޭންޑްގެ ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިޙް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރުވަނީ ކުރިއަށްއޮތް ތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. 

މިބައްދަލުކޮށްލެއްވުމުގައި މިސްޓަރ ހަރޯ ކަމަރައިނެން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރުރަނގަޅު ނިޒާމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ އެފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށްއޮތްކަން ފާހަގަކުރައްވައިފައެވެ. މީގެއިތުރުންވެސް އެޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސަފިރުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ޚާއްސަ ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީއާއި ޞިއްޙީ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ފިންލޭންޑްގެ ސަފީރު ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.