ކޮމަންވެލްތް އެންޑް އާސިއާން ސްޓެޓޮސްފެރިކް ސްޕޭސް އޭޖެންސީ (ކާސާ) އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކާސާގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ކްލައިވް ކިންޑަރއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރ އަލްފާޟިލް އަޙްމަދު ސަރީރެވެ.

މި އެއްބަސްވުމުގައިވާގޮތުން ސްޓެޓޮސްފެރިކް އެއަރޝިޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެލެކޮމްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ކުންފުންޏަކުން ކާސާގައި އެހީއަކަށް އެދޭނެއެވެ. މިއީ، 40 މިލިއަން ޕައުންޑްގެ އެހީއެކެވެ.

ދިވެހިރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 60 އިންސައްތައަށް އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ކާސާއަށް ލިބިގެންވެއެވެ. އަދި، މި މަޝްރޫޢު ފެށޭތާ 30 މަހުގެ ތެރޭގައި މިވަރަށް ކަރަންޓު އުފައްދަން ފަށާނެއެވެ. މި ޓެކްނޮލޮޖީއަކީ ވަރަށް އާ ޓެކްނޮލޮޖީއަކަށްވުމުން މީގެސަބަބުން، ދިވެހިރާއްޖޭގައި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.
ނައިބު ރައީސް އިނގިރޭސިވިލާތަށް މިކުރެއްވި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ބައްދަލުކުރައްވައި އެކުދިންގެ ހާލުވަނީ ބައްލަވާލައްވާފައެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ޖެނީވާއަށް ވަޑައިގެންފިއެވެ.