ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ނުހަނު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ރަނގަޅު ރިޒާވެއް އުފައްދަވައި، ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް ތަޢާރުފު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އިތުރަށް އަސަރު ކުރާނެއެވެ. ޓޫރިސްޓުން އައުން މަދުވާނެއެވެ. އާމްދަނީ ދަށްވާނެއެވެ. އެހެން ނަމަވެސް، މިކަންކަން ޙައްލު ކުރުމަށް ބޭނުންވާ ރިޒާރވް އުފެއްދިފައެއް ނުވެއެވެ. އަދި ފަހަށް ރައްކާކުރެވިފައި ނެތުމުން، ނުހަނު ދަތިތަކާ މި ރާއްޖެ މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އުންމީދު ނަގާލައި އަތް އުރާލައިގެން މާޔޫސްވެފައި މިއަދު އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް ކަމަށާއި، ރައްޔިތުންގެ މި ސަރުކާރު ހިންގެވުމާ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޘިއްޔަތުން އެމަނިކުފާނު ޙަވާލުވެވަޑައިގެން މިހުންނެވީ، މި ޙާލަތު ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި މި ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ތެރެއިން ވިޔަފާރީގެ އުޞޫލުން ހިންގޭނެ ކަންކަން ފާހަގަކުރައްވައި، އެކަންކަމާ ސަރުކާރުގެ ބެހުން ވީހާ ކުޑަކުރެއްވުމާއެކު، ބޭނުންފުޅުވަނީ ހަމައެކަނި ވިޔަފާރީގެ އުޞޫލުން އެކަންކަން ހިންގެވުން ކަމަށާއި، ހަމައެއާއެކު އާމްދަނީ މަދުން ލިބޭ ރައްޔިތުންނަށް އެހީތެރިވެދޭނެ އިންތިޒާމުތައް ޤާއިމު ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިއަދު މިވަނީ ފެނާއި، ނަރުދަމާ އާއި، ބަނދަރާއި، ކަރަންޓްފަދަ އަސާސީ ޚިދްމަތްތައް ބޭނުންވެފައި ކަމަށާއި، މިކަންކަން ނުކޮށް ފަސްކުރެވެން ނެތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ސަރުކާރުގެ ބަޖެޓުން ކުރެއްވުމަކީ، ބުއްދިވެރި ކަމެއް ކަމަށް މި ސަރުކާރު ދެކެވަޑައިނުގަންނަވާ ކަމަށާއި، މި ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ވިޔަފާރީގެ އުޞޫލުން އެކަން ކުރާނެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ އުޞޫލަށް ކުރިއަށް ގެންދެވިދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ މި ލަނޑުދަނޑިތައް ކާމިޔާބު ކުރެއްވުމަށާއި، މައިގަނޑުތައް ބިނާކުރެއްވުމަށް މަދުވެގެން ފައްސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެންނެވުމެވެ.

ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދްމަތްތައް ވީހާވެސް ރައްޔިތުންނާ ގާތުން ހަމަހަމައަށް ދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ހަތް ސްޓޭޓް މިނިސްޓަރަކު، ހަތް ސަރަޙައްދެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ބަޔާންކުރައްވަމުން، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގެވުމަށް ބޭނުންވާ ޤާނޫނުގެ ބިލް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެބިލުގެ މަސައްކަތްތައް ވެވަޑައިގެންނެވި އަވަސް މިނެއްގައި ރައްޔިތުންގެ މަޖިލީހުން ނިންމަވައި ދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ލާޒިމުކުރާ އެތައް ޤާނޫނެއް ނުނިމިވާކަން ފާހަގަކުރައްވަމުން، މިހުރިހާ ޤާނޫނުތައް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މި ޤާނޫނުތަކުގެ އިތުރުން ކުންފުނީގެ ފައިދާއިން ޓެކްސް ނެގުމަށް މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ އިތުރުން އާމްދަނީ ޓެކްސް ނެގުމަށް ބިލަކާއި، ޓޫރިސްޓް ރިޒޯޓްތަކުން މިހާރު ޓެކްސްނެގޭ ގޮތުގެ ބަދަލުގައި ހަމަހަމަ ވިޔަފާރީގެ އުޞޫލުން ޓެކްސް ނެގުމަށް އިތުރު ބިލްތައް ހުށަހެޅޭނެކަން ރައީސް ހާމަކުރެއްވިއެވެ. މި ބިލްތަކުގެ ތެރޭގައި، ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ފަހިކުރުމަށް ބޭނުންވާ ޤާނޫނުތަކުގެ ބިލާއި، ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްތައްވެސް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމު ކުރުމަށް ވަރަށް މުހިންމު ދެބިލް ކަމުގައިވާ ޤާނޫނުލްޢުޤޫބާތުގެ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، ތިމާވެށި ރައްކާތެރި ކުރެއްވުމަށް އިސްވެ ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުމަކީ، މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ބަޔާންކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ގިރި، ފަޅު އަދި ފަރުތަކާއި، ޖުމްލަކޮށް ރާއްޖޭގެ ތިމާވެށްޓަށް ވަމުންދާގޮތް ދިރާސާ ކުރައްވައި ތަޙުލީލު ކުރެއްވުމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް، މިސަރުކާރުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކާއި، އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން، މިފަދަ ދިރާސާތައް ރާއްޖޭގައި ކުރެވޭނެ މަގު މިހާރު ފަހިކޮށްދެއްވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ނިންމަވާލައްވަމުން، ރާއްޖޭގެ މިއަދުގެ އިޤްތިޞާދީ ޙާލަތާއި، އިޖްތިމާޢީ ޙާލަތާއި، ސިޔާސީ ޙާލަތު އޮތީ ދަށްކޮށް ކަމަށާއި، އެހެންކަމާއެކު، މާޔޫސްވެ އަތް އުރާލައިގެން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތްކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތްޕުޅު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ، މި ރާއްޖޭގެ ޙާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮވެގެން ކަމަށާއި، އިރާދަކުރެއްވިއްޔާ، މި ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން ކޮށްދެއްވޭނެ ކަމުގައި ވިދާޅުވިއެވެ.