ރެޑްކްރޮސް ޖަމާޢަތުގެ އެންމެބޮޑު އަމާޒަކީ، އެބޭފުޅުން ކޮށްދެއްވާ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމުތަކަކާއި އިންތިޒާމުތަކެއް ހަމަޖެހުން ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި މީހުން ދިރިއުޅެން ފެށުން ރަސްމީގޮތުން އިފްތިތާޙު ކުރެއްވުމަށް މިއަދު މެންދުރުފަހު ދުވާފަރުގައި ބޭއްވެވި އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކަންކަން ހަމަޖެއްސެވުމުގެ އިންތިޒާމުތަކާއި މަޝްރޫޢުތައް ދުވާފަރުގެ ރައްޔިތުން ރާއްވަވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކޮންމެ ޕްރޮވިންސަކުން، އެ ޕްރޮވިންސެއްގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ބަލަހައްޓާނެ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް އުފައްދަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދުވާފަރުގައި ދިރިއުޅުން އާރާސްތު ކުރުމުގައި، ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމާޢަތުގެ އެހީތެރިކަން ވަރަށްބޮޑު ކަމަށް ވިދާޅުވެ، އެޖަމާޢަތުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ކަނދޮޅުދޫ ރައްޔިތުން ދެއްކެވި ކެތްތެރިކަމާއި، ކުރެއްވި ހިތްވަރާއި، ކުރެއްވި ދިގު އިންތިޒާރު ފާހަގަކުރައްވައި، ކަނދޮޅުދޫ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުގެ އެއް އަމާޒަކީ، ކަނދޮޅުދޫ ރައްޔިތުން ވީހާވެސް އަވަހަށް ދުވާފަރަށް ބަދަލުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ދުވާފަރު ރައްޔިތުން އެދޭ އިތުރު ކަންތައްތައް ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، ބަނދަރުގެ މަސައްކަތަށްވެސް ފައިސާ ހޯއްދަވައި، ބަނދަރު ބޮޑުކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދުވާފަރުގެ ކޮންމެ ކުއްޖަކުވެސް، އެކުއްޖެއްގެ ގޭދޮށުގައި ގަހެއް އިންދައި، އެ ގަސް ބެލެހެއްޓުމަށް އެކުދިންނަށް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް މިކުރެއްވި ދަތުރުފުޅުގައި، ދުވާފަރު ސްކޫލް ބައްލަވާލައްވައި، ސްކޫލްގެ ލައިބްރަރީ ފަންޑު ހުޅުއްވައިދެއްވިއެވެ. އަދި ދުވާފަރުގެ އެކި ޖަމާޢަތްތަކާއި ކޮމިޓީތަކާވެސް ރައީސް ބައްދަލުކޮށްލެއްވިއެވެ.

ރައީސް މުޙަންމަދު ނަޝީދު ދުވާފަރަށް މިކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.