ޤައުމީ އިނާމާބެހޭ ކޮމިޓީއަށާއި ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައެއް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މާފަންނު ލޮނުވެލި އަނީސާ އަޙްމަދެވެ. އެކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއާއި، ޅ.ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، ހެންވޭރު އިރުވައި އާމިނަތު ނާޒެވެ. މިބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، މައްޗަންގޮޅީ ފިޔަވަނި އަޙްމަދު ޢަލިމަނިކާއި، މާފަންނު ކާނިމާގޭ މުޙައްމަދު އިކްރާމާއި، މާފަންނު މާހިޔާ ރަޙީމާ އާދަމާއި، މާލޭ ވިލިނގިލީ ކަންދު ޙަސަން މަނިކެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖްތަމަޢުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނެވެ. މި ކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ މާނިކަ ޑޮކްޓަރ އަޙްމަދު ޢަލިމަނިކާއި، މާފަންނު ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނާއި، މާފަންނު ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފާއި، މައްޗަންގޮޅީ ވިލާރޮދި ޢާއިޝަތު ޝާހީނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، ޢިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަޤްޞަދުގައި ދެއްވާ އިނާމެކެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީ 2019

އަނީސާ އަޙްމަދު (ނ.ޢ.ޢ.ވ) ޗެއަރޕަރސަން

އަލްފާޟިލް ޙުސައިން ޢާމިރު (ރައީސް އޮފީސް)

އަލްފާޟިލް އަޙްމަދު ޢަލިމަނިކު

އަލްފާޟިލް އިބްރާހީމް އިސްމާޢީލް ޢަލީ

އަލްފާޟިލް މުޙައްމަދު އިކްރާމް

އަލްފާޟިލާ ޒުލްފާ އިބްރާހީމް

އަލްފާޟިލާ ރަޙީމާ އާދަމް

އަލްފާޟިލް ޙަސަންމަނިކު

އަލްފާޟިލާ އާމިނަތު ނާޒު
ޚާއްޞަ އިނާމާބެހޭ ކޮމިޓީ 2019

ޑޮކްޓަރ އިބްރާހީމް ޙަސަން (ޗެއަރމަން)

ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް
ޑޮކްޓަރ އަޙްމަދު ޢަލިމަނިކު

އަލްފާޟިލާ ޢާއިޝަތު ޝާހީން
އަލްފާޟިލާ މަރްޔަމް ނޫރައްދީން

އަލްފާޟިލާ މަރްޔަމް ޝިފްޒާން