بســم اللّـه الرّحمـن الرّحيــم

 

މީލާދީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުވައި ތަހުނިޔާ ދަންނަވަމެވެ. އިއްޔެ އަޅުގަނޑުމެން އަލްވަދާޢުކީ، 2018 ވަނަ އަހަރެކޭ އެއްފަދައިން، މިއަދު އަޅުގަނޑުމެން   މި މަރުޙަބާ ކިޔާ 2019 ވަނަ އަހަރަކީވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުން އެދެމެވެ.

 

ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނި ސާބިތުވެއްޖެއެވެ. ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީނެވެ.

 

ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ.

 

މިފެށޭ އާ އަހަރުގެ އުފާވެރި ޝުޢޫރުތަކާއެކު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމެވެ.

 

މި ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހަރެކެވެ. މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ތިޔަ ލޮބުވެތި ރައްޔިތުން ގޮތް ނިންމަވާނެ ދުވަހެވެ. އެދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.

 

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިފެށުނު 2019 ވަނަ އަހަރަކީ، އުންމީދާއި އުފާވެރިކަމުން ފުރިގެންވާ ވިލުންތެރި އަހަރެއް ކަމުގައި މާތް ﷲ ލެއްވުމެވެ. ދިވެހި ޤައުމުގެ ހެވާއި ލާބަޔަށް މިކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވުމެވެ. ދިވެހީންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ތަރައްޤީއާއި ކާމިޔާބީ ޙާޞިލުކުރަމުންދާ ބައެއް ކަމުގައި ލެއްވުމެވެ.

 

މި ދިވެހި ވަޠަންގެ ރައްޔިތުންނާއި މިޤައުމު، އަބަދުގެ އަބަދަށް މިނިވަންކަމާއި ޞުލްޙަވެރިކަމާއި އަމާން ކަމުގައި ލައްވާށިއެވެ! އާމީން.