ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެޤައުމުގެ ގުޅުމަށް މިހާރު 52 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި، އެމަނިކުފާނު ވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް މީގެ ކުރީގައި ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ފަހިކޮށްދީފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ  ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންއިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން، ތަޢުލީމީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއިބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމާގުޅިގެން ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތާގައިވެސް ޕާކިސްތާނުން ރާއްޖެއާ އެކީ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.