މިރޭ ރަސްމީ ދަނޑުގައި ކުޅުނު، ގޯލް ކީޕަރު ޢިމްރާން މުޙައްމަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާ ވަދާޢީ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

 މި މެޗު ފެށުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރެއްގެ ހައިސިއްޔަތުން ޢިމްރާން މުޙައްމަދު ހޯއްދަވާފައިވާ އަގުހުރި ކާމިޔާބީތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވުމުގެގޮތުން އިމްރާން މުޙައްމަދަށް ހަނދާނީ ފިލައެއް ދެއްވައިފައެވެ.  

 މީގެއިތުރުން އިމްރާން މުޙައްމަދު ވަނީ އޭނާ ގޯލްކީޕަރުކަން ކުރެއްވުމުގައި ގެންގުޅުއްވި އަންގި ޖޯޑުން އަންގިއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުންކުރައްވައިފައެވެ.

ޢިމްރާން މުޙައްމަދު ފުޓްބޯޅަ ކުޅެން ފަށާފައި ވަނީ 1999 ވަނަ އަހަރުގައެވެ. ފުޓްބޯޅައިގެ ދާއިރާގައި ހޭދަކުރި 19 އަހަރު ތެރެއިން 17 އަހަރު ޢިމްރާން ވަނީ ދިވެހި ޤާއުމީ ފުޓްބޯޅަ ޓީމްގައި ކުޅެފައެވެ. ޢިމްރާން މުޙައްމަދު ފުޓްބޯޅައިގެ ދާއިރާގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެންޕިއަންޝިޕް ހޯދައިދިނުމެވެ.