ސްރީލަންކާގެ ދެކުނު ސަރަޙައްދުގައި ޖާނުން ފިދާވެގެންދިން ޙަމަލާ ކުށްވެރި ކުރައްވައި، ރައީސް މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖްގައި، މި ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއެކުގައި ކަމުގައި ވިދާޅުވެ، ޓެރަރިޒަމްގެ މި ނުރައްކާތެރި ޢަމަލު، ދިވެހި ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. މި ޙަމަލާއަކީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށްވާތީ އެކަމާ ހިތާމަކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.