މަސްވެރިންނަށް ކަންކަން ފަހިވެގެން މެނުވީ ރާއްޖޭގައި ޑިމޮކްރަސީ ދަމަހައްޓަން ދަތިފުޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފިޝަމަންސް ޔުނިއަންގެ އިސްބޭފުޅުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި އެ ޔުނިއަންގެ ރައީސް އަލްފާޟިލް އިބްރާހީމް ޢުމަރު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ލޭނުއެޅުމަށް ބޭރުގެ ފަރާތްތަކަށް ދޫކުރައްވާފައިވާ ލައިސަންސްގެ ދަށުން ނާޖާއިޒު ގޮތެއްގައި ދިވެހި މަސްކަނޑުތައް ބޭނުންކުރާކަމުގެ ތުހުމަތު ކުރެވޭތީ އެމައްސަލަ ހިމެނެއެވެ. ހަމައެއާއެކުގައި، މަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން މަހުގެ އަގު ކޮންޓްރޯލް ކުރުމުގައިވެސް ބޭއިންޞާފުވެރި ގޮތްގޮތަށް ޢަމަލުކުރަމުން ގެންދާތީ އެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސްވެރިން ގަނޑުފެން، ގަތުމުގައި އަގުތަކުގެ ފަރަގުގައި ތަފާތުތަކެއް ހުންނާތީ އެއީވެސް، މަސްވެރިންނަށް ދިމާވާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރު، ބަނދަރު ކުރުމުގެ ދަތިތަކެއް އެބަހުރި ކަމަށާއި، ސަބަބަކީ، އެއް ސަރަޙައްދަކުން ތެލާއި، ފެނާއި، ގަނޑުފެނާއި، ބުޅި، ކަންވާރު ލިބެން ނެތުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރުމަށް ބޭރުގެ ފަރާތްތަކަށް ކުރީގެ ސަރުކާރުން ހުއްދަ ދެއްވާފައިވުމާއެކު، އެކަން އަލުން ދިރާސާ ކުރައްވައި، ބާޠިލު ކުރެއްވެން އޮތް އެގްރިމެންޓެއް ބާޠިލު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ވިޔަފާރީގެ އަގުތައް ކަނޑައެޅުއްވުމުގައި އެކަން ކުރައްވަނީ ހަމަހަމަ އިންޞާފުވެރި އުސޫލުންތޯ ބައްލަވާނެ ކޮމިޝަނެއް އުފައްދަވައި ދެއްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަހުގެ އަގާއި ގަނޑުފެނުގެ އަގު އަދި މިބާވަތުގެ އެހެނިހެން އަގުތަކާބެހޭ ގޮތުން ރަނގަޅު އުޞޫލުތަކެއް އެކޮމިޝަނުން ކަނޑައަޅުއްވައި އަގު ކޮންޓްރޯލް ކުރެއްވުމަކީ، ވަކި ފަރާތަކަށް އޮންނާނެ އިޚްތިޔާރެއް ނޫންކަމަށް ހަމަޖައްސަވާދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް މަސްވެރިން އެދޭ ޚިދްމަތްތައް ހުޅުމާލެއިން އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަންވެސް މިބައްދަލުކުރެއްވުމުގައި ރައީސް ހާމަކުރެއްވިއެވެ.
މަސްވެރިކަން ރަނގަޅުވެގެން އަންނަ ދުވަސްވަރު އަގުތައް ދަށްވެގެންދިޔަ ނުދެއްވުމަށް އިތުރު ބޯޓްފަހަރަށް މަސްގަނެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވައި، މަސް ރައްކާކުރެވެން ހުރި މިންވަރަށްވުރެ އިތުރުވާބައި، ރަނގަޅު އަގުގައި ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފިޝަރމަންސް ޔުނިއަނުން އެދިވަޑައިގަންނަވާ ކަންތައްތަކުގައި، މިވަގުތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުޢާމަލާތު ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ހަމަޖައްސަވާފައެވެ. އަދި އެކަން އެޔުނިއަންގެ ބޭފުޅުންނަށްވެސްވަނީ އަންގަވާފައެވެ.