ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަމާއި ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަމާއި އެކަންކަމުގެ ހޭލުންތެރިކަން ރާއްޖޭގެ ވީހާ ގިނަބަޔަކަށް ގެނެސްދޭން އެބަޖެހޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހެންވޭރު ހިކަރި އަލްފާޟިލާ ސަމާޙް އަޙްމަދުގެ "ނޫ" މަޢުރަޒު ހުޅުއްވައި ދެއްވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނޭޝަނަލް އާޓް ގެލަރީން އިންތިޒާމު ކުރެއްވި މިމަޢުރަޒު ހުޅުއްވައި ދެއްވުން އޮތީ މިރޭ އާޓް ގެލަރީގައެވެ.

ސަމާޙް އަޙްމަދު ކުރައްސަވާފައިވާ ކަނޑުގެ އަޑީގެ މަންޒަރުތައް ދައްކައިދޭ ކުރެހުންތަކުގެ މަޢުރަޒު ހުޅުއްވައިދެއްވަމުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަމާޙް އަޙްމަދު މިކުރެއްވި މަސައްކަތް ފާހަގަކުރައްވައި މިއީ، ރާއްޖޭގެ ޤުދްރަތީ ރީތިކަމާއި ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަން ދައްކަވައިދެއްވުމަށާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އޭނާ ކުރެއްވި ވަރަށްބޮޑު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖެއަށް މިވަގުތު މިހާ މުހިންމު މައުޟޫއަކަށް ޚާއްޞަ ކުރައްވައިގެން މަޢުރަޒެއް ބޭއްވެވީތީ އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ ރާއްޖޭގެ ކަނޑުތަކުގެ ވަށައިގެން ދިރިއުޅޭ ބަޔަކު ކަމުގައިވީ ނަމަވެސް ދާދި ފަހަކާ ޖެހެންދެން ރާއްޖޭގެ ގިނަބަޔަކަށް ކަނޑުގެ އަޑި ފެނުމުގެ ނަސީބު ލިބިފައިނުވާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް އެމަންޒަރުތައް ފެނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ އަޑިއަށް ވަރަށްބޮޑެތި ބަދަލުތަކެއް މިއަދު އަންނަމުންދާއިރު އެކަމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްގެންނޫނީ ކަނޑުތައް ރީތިކަމާއި ސާފުކަމުގައި މާގިނަދުވަހު ނޯންނާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިމަޢުރަޒުގެ ކެޓަލޮގް ނެރުއްވައި ދެއްވީވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މަޢުރަޒު ހުޅުއްވައިދެއްވުމުގެ ޙަފްލާ ތަޢާރުފް ކުރެއްވުމުގެ ގޮތުން ވާހަކަދެއްކެވީ ނޭޝަނަލް އާޓް ގެލެރީގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މަމްދޫޙް ވަޙީދެވެ.

މަޢުރަޒު ހުޅުއްވައި ދެއްވުމަށްފަހު، މަޢުރަޒުގައި ހުރި ކުރެހުންތައް ޑޮކްޓަރ ވަޙީދާއި މިޙަފްލާއަށް ވަޑައިގެންނެވި އެހެން ބޭފުޅުން ބައްލަވާލެއްވިއެވެ.