ރައީސް މުޙަންމަދު ނަޝީދު، ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރުކަޒުގެ އިސްވެރިންނާއި، މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމްޢިއްޔާގެ މެންބަރުންނާއި، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވީ، ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރުކަޒުގެ ރިހިޔޫބީލް އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިއަދު ހެނދުނު ހިންނަވަރަށް ވަޑައިގަތުމަށްފަހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ތަޢްލީމީ ސިޔާސަތާބެހޭ މަޢްލޫމާތު ދެއްވުމަށާއި، އަތޮޅު ތަޢްލީމީ މަރުކަޒުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެއްވުމާބެހޭގޮތުން މިއަދު ހިންނަވަރުގައި ބާއްވަވާ މަސައްކަތު ބައްދަލުވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުން ސްކޫލުތައް ހިންގުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންފުޅުވަނީ، ސްކޫލުތައް ހިންގުމުގެ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި، ޙިއްޞާ އިތުރުކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރުކަޒަށް އިތުރުކުރެވޭ ކްލާސް ރޫމްތަކުގެ ބިންގާ ރައީސް ނަޝީދު އަޅުއްވައިދެއްވިއެވެ.

ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރުކަޒުގެ ރިހިޔޫބީލު މުނާސަބަތުގައި ބާއްވަވާ ޖަލްސާ އޮންނާނީ، މިއަދު ހަވީރު 4 ޖަހާއިރު އެ މަރުކަޒުގައެވެ. މިޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.