ދުނިޔޭގައިވާ ކާރބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާއިރު މިކަން އަޅުގަނޑުމެން އެންމެންގެ ވިސްނުމާއި ފިކުރުގައި ބަހައްޓަވައި މިއީ، ދުނިޔެއަށް މަގުދެއްކުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްބޮޑު ފުރުސަތެއް ކަމުގައި ދެކެވަޑައިގަތުމަށް ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ދުނިޔޭގައިވާ ކާރބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ހެއްދެވުމަކީ، ސަރުކާރުގެ އަމާޒުކަމަށްވުމާއެކު، އެކަމާ ގުޅޭގޮތުން މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މިރޭ ތީމުގޭގައި އެމަނިކުފާނާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުން، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފިލްމެއް ކަމަށްވާ "ދި އޭޖް އޮފް ސްޓިއުޕިޑް" ބެއްލެވުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީވެފައިވާ ޤައުމުތަކުގައި މިއަދު ދިރިއުޅެމުންދާ އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަކީ، ޢާންމުން ވިސްނާ ވިސްނުން، ވިސްނާ ބަޔަކަށް ނުވާނެ ކަމަށާއި، އެމީހުން ދުނިޔެ ބަދަލުކޮށްލާނެ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ކުރިއަށް ވިސްނާފައި އޮވެއްޖެނަމަ ކިތަންމެ ކަމެއް ރަނގަޅަށް ކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކާރބަން އާ ގުޅިގެން ހިންގާ މުޢާމަލާތާއި ހިންގާ ވިޔަފާރި ކުރިއަށްއޮތްތާނގައި ގިނަވާނެކަން ބަޔާންކުރައްވަމުން، މިކަމުގައި ގެއްލުމެއް ނުލިބޭގޮތަކަށް އަޅުގަނޑުމެންނަށް ތިބެވޭނީ، އަޅުގަނޑުމެންނަކީ އެންމެ ފުރަތައިނުންވެސް ކާރބަން ނިއުޓްރަލް ޤައުމެއްކަން ފާހަގަވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެންނަށް އިތުރު ކުރިއެރުން ލިބޭނެ ކަމެއް ކަމަށާއި، އެބަދަލުގެ ތެރެއަށް ދާއިރު އަޅުގަނޑުމެން ތިބެންޖެހޭނީ އެބަދަލަށް ރަނގަޅަށް ތައްޔާރުވެ ކަމަށާއި، އެބަދަލު ރަމްޒުކުރާ ބައެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 10 އަހަރު ދުވަހުގެ ތެރޭގައި، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފުރަތަމަ ކާބަން ނިޔުޓްރަލް ޤައުމަށް ހެއްދެވުމެވެ. ދިވެހި ސަރުކާރުން ގެންދަވަނީ މޫސުމާއި ހަކަތައިގެ ދާއިރާއާބެހޭ ބޭރުގެ މާހިރުންނާ މަޝްވަރާކުރައްވައި، ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް ބޭނުންވާ އީކޯ ޕްލޭން ހެއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ. މި އީކޯ ޕްލޭން ގެ އެންމެ ބޮޑު އަސާސަކީ، ހަކަތައިގެ ގޮތުގައި ތެލުގެ ބާވަތްތައް ބޭނުންކުރުމުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުވުމުން އިންޖީނުގެތަކުން އުފައްދަމުން ގެންދާނީ ތިމާވެށްޓާ ރައްޓެހި ހަކަތައެވެ. އަދި، ރާއްޖޭގައި ކުރިން ބޭނުންކުރަމުންގެންދިޔަ ކަރަންޓު އިންޖީނުތައް ބޭނުންކުރުން ހުއްޓާލައި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރަން ފަށާނެއެވެ.

ސަރުކާރުން އުންމީދު ކުރައްވަނީ ދުނިޔޭގައިވާ ތިމާވެށްޓާ އެންމެ ރައްޓެހި ޤައުމަށް ރާއްޖެވުމުން، ތިމާވެށްޓާމެދު ވިސްނާ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޝައުޤުވެރިވެގެންދާނެކަމަށެވެ.