އިންޑިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، އެޤައުމަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތުދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ބޭއްވެވުމަށްފަހު، އެމަނިކުފާނާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚާއްޞަ ނޫސްވެރިންގެ ބައްދަލުކުރެއްވުން ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑު ވަޒީރު، ވަކިން ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. އިންޑިޔާގެ ބޮޑު ވަޒީރުވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރާއްޖެއާ އިންޑިޔާއިން ސޮއިކުރެއްވި 4 އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. މި އެއްބަސްވުންތަކަކީ،  އެގްރީމެންޓް އޮން ދި ފެސިލިޓޭޝަން އޮފް ވިސާ އެރޭންންޖްމަންޓް، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ އެސްޓެބްލިޝިންގ މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދަ އިކޯ ސިސްޓަމް ފޮރ އެގްރިބިޒްނަސް އަދި ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އެލެކްޓްރޯނިކްސް އެވެ.

މީގެއިތުރުން ދެ ޤައުމުގެ މުއައްސަސާތަކުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެ ޚާއްޞަ އޮނިގަނޑެއް، ޞިއްޙީ ދާއިރާއިންނާއި، ޤާނޫނީ ދާއިރާއިންނާއި، ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިންނާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އެކަށައެޅުމަށް ދެޤައުމުގެ ސަރުކާރުން ނިންމަވާފައިކަންވެސް ދެބޭފުޅުން ވަނީ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައިވާ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ މަދަނިއްޔަތުގެ އަސްލަށާއި ޘަޤާފީ އަދި ޒަމާންވީ ތަރިކަތަކުގެ މައްޗަށްކަން ހާމަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުމަށް އިޝާރާތް ކުރައްވަމުން ދެބޭފުޅުން ވިދާޅުވީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގަދައަޅާ މަސައްކަތްކުރައްވާނެކަމަށާއި، ޚާއްޞަކޮށް އެއްޤައުމު އަނެއް ޤައުމާއި ގުޅިގެން ކުރިއަށް ދިއުމުގައި ޞުލްޙަވެރިކަން ދެމެހެއްޓުމާއެކު ޑިމޮކްރަސީއަށް އަހައްމިއްޔަތުކަން ދީގެން، ދެމިތިބުމުގެ ޔަޤީންކަން ވަނީ ދެބޭފުޅުން ދެއްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިޔާގެ ބޮޑުވަޒީރު ވަނީ ރާއްޖެއާ އިންޑިޔާގެ ގުޅުމުގެ މުހިންމުކަން ހާމަކުރައްވައި، ރާއްޖޭގެ ޢިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް 1.4 ބިލިއަން ޔޫއެސް ޑޮލަރުގެ ފައިސާގެ އެހީއެއް ދެއްވުމަށް އިންޑިޔާ ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި،  ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ  1000 ފުރުސަތު ރާއްޖެއަށް އިތުރަށް ދެއްވާނެކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެޤައުމުގެ ވެރިން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައި ޤާއިމު ކުރެވިފައި އޮތް ދަތުރުފަތުރު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފަހި ކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި މިކަމަކީ ޚިދުމަތްތާއި މުދާ ބަދަލުކުރުމުގައާއި ޘަޤާފަތާއި ޚިޔާލު ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން މިއަދު ސޮއި ކުރެވުނު ވިސާގެ އެއްބަސްވުމަށް ދެޤައުމުންވެސް މަރުޙަބާކިޔާކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއަކީ އިންޑިޔާއަށް ދަތުރުކުރުމުގައި ފަސޭހަކަމާއެކު ވިސާ ހަމަޖެހިގެން ގޮސްފައިވާ މަދު ޤައުމުތަކުތެރެއިން އެއްޤައުމުކަން  ދެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސަރަޙައްދީ ރައްކާތެރިކަން ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލާ ފާސްކޮށް މަޢުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ޓެރަރިޒަމް ނައްތާލުމަށް އެކުގައި މަސައްކަތްކުރުމަށާއި، ހިއުމަން ޓްރެފިކިންގ ހުއްޓުވުމަށާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމަށް ދެޤައުމުން ނިންމަވާފައިވާކަމުގައި ދެބޭފުޅުން ހާމަކުރެއްވިއެވެ. މީގެ އިތުރުންވެސް ދެ ޤައުމުން އެއްބަސްވާ ބައިނަލްއަޤްވާމީ ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެއްވާނެކަންވެސް ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ފާހަގަކުރެއްވިގޮތުގައި، ޤާނޫނީ ހަމަތަކުގެ މަތީން ދެފުށްފެންނަ ގޮތެއްގައި ދިވެހި ސަރުކާރުން ޤާއިމުކުރުމަށް ބޭނުންވާ، ވިޔަފާރީގެ ފަހި މާހައުލު ޤާއިމުވެގެން ދިއުމަކީ އިންޑިޔާގެ ވިޔަފާރިވެރިންނަށް ލިބޭ ފަހި ފުރުސަތެއްކަމަށް ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުން ވަނީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރުކުރުގެ ދާއިރާއިންނާއި އިޤްތިޞާދީ ގޮތުން އެއްބާރުލުންދީ ޞިއްޙީ، ތަޢުލީމީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނާއި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމުގެ ދާއިރާއާއި މުއާޞަލާތީ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރައްވަން އެއްބަސްވެވަޑައިގެންފައިކަން އިންޑިޔާގެ ބޮޑުވަޒީރު ހާމަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާޝްތްރަޕަތީ ބަވަންގައި ހުންނެވުމަކީވެސް ދެޤަމުމުގެ ބަދަހިގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ޝަރަފުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއަދު މެންދުރު ޖާފަތެއް ދެއްވައިފައެވެ.