ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު އިންޑިޔާގެ ނިއު ދިއްލީއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞޯލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރުގެ ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސް ވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުންނެވުމަށް ހަމަޖެހިފައިވަނީ ރަޝްތްރަޕަތީ ބަވަންގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދުގެ އިތުރުން އިންޑިޔާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވެވުމާއި، ރާއްޖޭގެ އިސް އޮފިޝަލުންގެ ވަފްދެއް އިންޑިޔާގެ ވިޔަފާރިވެރިންގެ ލީޑަރުންގެ ވަފްދަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ޕްރޮގްރާމް ތަކުގެ ތެރޭގައި އެމަނިކުފާނުގެ ދެކަނބަނލުންގެ ޝަރަފުގައި އިންޑިޔާގެ ބޮޑުވަޒީރު ދެއްވާ ފުރަމާނަ ޖާފަތެއްވެސް އޮންނާނެއެވެ.