ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އެންމެން އެކުގައި ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ސާފުކުރުމުގެ ޙަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާފަންނު ސްޓޭޑިއަމްގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެ މަޝްހޫރުވެފައިވަނީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ޖަޒީރާރަށްތަކެއްގެ ގޮތުގައިކަމަށާއި، ތަރައްޤީގައި ކިތަންމެ ކުރިއަށްދިޔަޔަސް، ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ، ދިވެހިންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެންކަމުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވަނީވެސް މި ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން، އެގޮތުގައި ދަމަހައްޓައިގެން މެނުވީ، ރާއްޖޭގެ ޤުދްރަތީ މުއްސަނދި ކަމުގެ ނަފާ، ހެޔޮގޮތުގައި ނުލިބޭނެކަމަށް ގަބޫލުކުރެވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި ކުނި ނައްތާލުމަކީ، މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެއްކަމަށާއި، މިފަދަ ކޮންމެ މައްސަލައެއްގެ ޙައްލު ފެށެނީ، ފަރުދުންގެ ކިބައިން ކަމުގައިވާތީ، މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑުކަމަށެވެ.

ކޮންމެ ރަށަކަށް ކުނި މެނޭޖްކުރެވޭނެ ނިޒާމަކަށް ބޭނުންވާކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވާކަމަށާއި، ކުނި މެނޭޖް ކުރުމުގެ އެންމެކުރު މަގަކީ، ކުނި އުފެދޭ މިންވަރު މަދުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ކުނި ނައްތައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިއަދު މި ފެށިގެންދާ ސާފުކުރުމުގެ ހަރަކާތަކީ އަންނަން އޮތް ޖީލުތަކަށް މިމުއްސަނދި ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމު މަސައްކަތެއްކަމަށާއި، ތިމާވެށީގެ ނުރައްކާތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި، ޖަޒީރާ ޤައުމެއްގެ ލީޑަރެއްގެ ގޮތުގައި، މި ރާއްޖެއަށް ދެމިއޮވެވޭނީވެސް ސާފުތާހިރުކަންމަތީ މި ރާއްޖެ ބާއްވައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ފިހިގަނޑަކާއި އަންގިއެއް ހަދިޔާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި، މާލޭ ސިޓީގެ މޭޔަރާއި، ޑަބްލިޔޫ.އެޗް.އޯ. ރެޕްރެޒެންޓެޓިވް ޑޮކްޓަރ އަރްވިންދް މާތުރްގެ އަރިހުގައި ސާފުކުރުމުގެ މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.