ނެޝަނަލް ސްކައުޓް ކައުންސިލްގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަޤާމް ޤަބޫލުފުޅުކުރައްވާފައިވާތީ ނެޝަނަލް ސްކައުޓް ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނުގެ ކަރުފުޅުގައި ޗީފް ސްކައުޓްގެ ރަމްޒީ ސްކާފް އަޅުއްވައިދެއްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ނެޝަނަލް ސްކައުޓް ކައުންސިލަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.
ނެޝަނަލް ސްކައުޓް ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަޤާމް ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ކުރިޔަށް އޮތް އަހަރު ސްކައުޓް ޙަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ސްކައުޓް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް ވެދުންކުރައްވާފައެވެ.