އުއްމީދަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވެވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ، ރާއްޖޭގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ ގުދުރަތީ ވަސީލަތްތަކެއްކަމަށާއި، ކަނޑުތަކާއި ފަރުތަކާމެދު ދިވެހިންނަށް ވަނީ ފަރުވާކުޑަކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ، ކަނޑަށްއެޅޭ ކުނިގިނަވުންކަމަށާއި، ކަނޑަށް އެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި، މި ޕްލާސްޓިކްތައް ކަނޑުގައި އުޅޭ މަސްމަހާމެހި ކައި ހެދުމުގެ ސަބަބުން އޭގެ ވިހަ މާއްދާތައް މަހުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ކާތަކެތީގެ ތެރެއަށް ވަދެގެންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށްކަމަށާއި، މިކަމަށް އޮތް ޙައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އިސްރާފު ނުކުރުމާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަށް ބޭނުންކޮށް، ނަން- ބަޔޯޑިގްރޭޑަބަލް ނުވަތަ އުކާލުމުން އަވަހަށް ފަނާނުވާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާވަނީ އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި މިއަދު މި ފެށި ހަރަކާތަކީ ޕްލާސްޓިކުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ.