ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސިޒް ނަރސިއާ ކާސްޓްރޯ ގުވާރާއި، ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ މާރކޯ އެންޓޯނިއޯ ޑިނިޒް ބްރަންޑާއޯ އާއި، ސީޝެލްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޑިކް އެސްޕަރޯން، އެ ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސް މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. އަދި ޔޫރަޕިއަން ކޮމިޝަނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ބާރނާޑް ސަވާޖްވެސް ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވެވި މި ހަތަރު ރަސްމިއްޔާތުގައި، މި އާ ސަފީރުންނަށް ރައީސް މުޙަންމަދު ނަޝީދު ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ.

ކިއުބާ ސަފީރާއި، ބްރެޒިލް ސަފީރާއި، ސީޝެލްސް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ މަގާމުގައި ތިއްބަވައިގެން ޚިދްމަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މިޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މި މަސައްކަތުގައި ސަފީރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަފީރުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޔޫރަޕިއަން ކޮމިޝަނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ބާރނާޑް ސަވާޖް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސް މުޙަންމަދު ނަޝީދު ކަމަށްވާތީ، އެމަނިކުފާނަށް ފަތްކޮޅު އެރުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސަރުކާރުން ރާއްޖެއަށް މިގެންނަވަމުން ގެންދަވާ އިޞްލާޙީ ބަދަލުތަކަށް މަރްޙަބާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އުސޫލުތައް ގެނައުމުގައި ޔޫރަޕިއަން ކޮމިޝަންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށްބޮޑަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްވެސް އޫރަޕިއަން ކޮމިޝަންގެ އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.