ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތަކާއި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައިވާ ކަންކަން ޙާސިލުކުރުމަށް ކުރައްވަންޖެހޭ ކަންކަމާބެހޭ މަޢުލޫމާތު، ވަޒީރުންނަށް މިއަދު އަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުޞޫލުތަކާއި، ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކާއި، ވަޒީރުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވަޒީރުންނަށް މަޢުލޫމާތު އެރުވުނެވެ.

މީގެއިތުރުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ. އަދި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ވީހާވެސް އަވަހަށް ފެށްޓެވުމާއި، އެކަމެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް އެކަމެއް ނިންމެވުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.