ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ބޭއްވި "އުރީދޫ ކަލަރ ރަން" ގެ އިވެންޓްގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ.

 ޒުވާނުންނާއި، ތުއްތު ކުދިންނާ އަދި އެކިއުމުރުފުރާގެ ބޭފުޅުންނަށްޓަކައި، އަމިއްލަ ކުންފުނިތަކުން ކުރައްވާ މަސައްކަތްތަކާއި، އިޖްތިމާއީ ކަންތައްތައް ޙައްލުކޮށް އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ކުންފުނި ތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މަނިކުފާނުގެ ވާހަކަފުޅުގައި، މިސަރުކާރަކީ ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ބޭނުންވާގޮތް ފުރިހަމަ ކުރުމުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށާއި، މިސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ "އޫރިދޫ ކަލަރ ރަން" ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.