މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފައްޓަވާފައިވާ ކަމުގައި އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ. ހުސްނުއްސުޢޫދު މިހެން ވިދާޅުވީ ކޮމިޝަންގެ މެންބަރުން ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ނޫސްކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމެވުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދެއްވާފައިވީނަމަވެސް ކޮމިޝަނުން އަމާޒު ހިފާފައިވަނީ ވީ އެންމެ އަވަހަކަށް މަސައްކަތްތައް ނިންމުމަށްކަމުގައި ފާހަގަކުރެއްވެވިއެވެ.

ކޮމިޝަންގެ މަސައްކަތްތަކުގެ ނަތީޖާއަށް ރައްޔިތުންގެ ޝައުގުވެރިކަން ބޮޑުވެފައިވާތީ ކޮމިޝަންގެ މަސައްކަތް ވީހާ އަވަހަކަށް އަދި އިތުބާރު ހިފޭގޮތަށް ކުރިއަށް ގެންދިއުމަކީ ކޮމިޝަންގެ މައިގަނޑު އެއްމަޤުޞަދު ކަމުގައި ހުސްނުއްސުޢޫދު ވިދާޅުވިއެވެ. ކޮމިޝަންގެ ރައީސް ވިދާޅުވީ ޖިނާއީ ހެއްކިތައް ފިޔަވައި އެހެން ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ. 

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވީ މަސައްކަތްތައްކުރިއަށް ގެންދިއުމަށް ތަޖުރިބާކާރުން ނެތް ދާއިރާތަކުން، ބޭރުގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާފުޅާއެކު ނިންމާފައިވާކަމަށެވެ.  އަދި ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމުގައިވެސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވިއެވެ. 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ވަނީ ކޮމިޝަނާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާ މިބިލު ފާސްވެއްޖެކަމުގައިވާނަމަ ކޮމިޝަނުގެ ޤާނޫނީ ބާރު އިތުރަށް ވަރުގަދަވެގެން ދާނެކަންވެސް ފާހަގަކުރެއްވެވިއެވެ. 

ކޮމިޝަނުގެ އިތުރު މަސްއޫލިއްޔަތުތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވީ މިފަދަ މައްސަލަތައް ކުރިއަށްއޮތްތާނގައި ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާދެއްވައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މަޝްވަރާދިނުމަކީ ވެސް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން އުފައްދަވާފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.