މޮރޮކޯ ރަސްގެފާނުގެ މަންދޫބު، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ހަރ އެކްސެލެންސީ މައުނިޔާ ބައުސެޓާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަރ އެކްސެލެންސީ މައުނިޔާ ބައުސެޓާއަށް މަރުޙަބާ ވިދާޅުވެ ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
މޮރޮކޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލެއްވުމަށް މިފަދަ ފުރުޞަތެއް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުން މޮރޮކޯގެ ރަސްގެފާނު ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައިވާކަން ހާމަކުރެއްވިއެވެ.
މިބައްދަލު ކުރެއްވުމުގައި ހަރ އެކްސެލެންސީ މައުނިޔާ ބައުސެޓާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ސަޤާފަތާއި އިސްލާމްދީނާއި ގުޅުންހުރި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް މިދާއިރާތަކުން ދެޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލު ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.