އަޅުގަނޑު އެންމެ އުފާވަނީ ނުކުރެވޭނެކަމަށް މީހުން ގޮންޖަހާފައިވާ ކަންތައްތައް ހާސިލުވެގެން ދިއުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ޕަބްލިކް ސާވިސް މީޑިޔާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. 
 
މިއިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަނީ ރައްޔިތުންނަށް ދަތިވެފައިހުރި މައްސަލަތަކަށް ހައްލު ހޯދައިދެވި ޤައުމުގެ ތަރައްޤީއަށްޓަކައި ކޮށްދެވުނު ބޮޑެތި މަޝްރޫޢުތައް ފެނިވަޑައިގެންނެވުމުން ކަމުގައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންވަނީ އަބަދުވެސް ޗެލެންޖިން، ވަރުގަދަ މަސައްކަތް ކުރެއްވުމަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 
 
 
ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ހިތްވަރު ލިބިވަޑައިގަންނަވާ ކަންތައްތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ ހިތްވަރު ލިބިވަޑައިގަންނަވަނީ އާއިލާގެ ފަރާތްޕުޅުން ކަމުގައެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ރައްޔިތުންގެ ޚިދުމަތުގައި މުރާލިކަމާއިއެކު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. 
 
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު އެއްވެސް ކަމެއް ކޮންމެ ގޮތަކަށް ކުރުމަށް ޖާގަ ނުދެއްވާނެ ކަމުގައެވެ. އަދި އެމަނިކުފާނަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ ނިންމެވުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ ކަންތައްތަކަށް އަޅަންޖެހުނު ފިޔަވަޅު އެޅުއްވުން ކަމުގައި ފާހަގަކުރެއްވިއެވެ.