ސާފް ޗެމްޕިއަންޝިޕް 2018 ފުޓްބޯޅަ މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އާރަންވޭއަށް އެންމެ ފުރަތަމަ ޖެއްސި އޭ 380 މަރުކާގެ މަތިންދާބޯޓުގައި ޓްރޮފީ ހިފައިގެން ރާއްޖެއައި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ސަލާމްކުރެއްވުމަށްފަހު ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ. އެއަށްފަހު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނާ ސަލާން ކުރައްވައި ޤައުމީ ޓީމާއިއެކު ފޮޓޯފުޅެއްވެސް ނަންގަވައިފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުރާކުގެ ވަޒީރުންނާއި ރައްޔިތުން  މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.