ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރި ކޯޑް އެފްގެ އާ ރަންވޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ.  

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު އެއާޕޯޓު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އާ ރަންވޭ ހުޅުއްވައިދެއްވުމާއިއެކު އާ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ އޭ 380 މަރުކާގެ މަތިންދާބޯޓެކެވެ. އާ ރަންވޭގައި ފުރަތަމަ ޖެއްސި އިއްތިހާދު އެއާވޭސްގެ މި ބޯޓު ދުއްވާފައިވަނީ ދިވެހި ޕައިލެޓެކެވެ. އާ ރަންވޭގައި ފުރަތަމަ ޖެއްސި މި ބޯޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއްވެސް ވަނީ އަރުވާފައެވެ.  

ސާފް ޗެމްޕިއަންޝިޕް 2018 ފުޓްބޯޅަ މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދި ޤައުމީ ޓީމުވެސް މިއަދު ރާއްޖެ އައިސްފައިވަނީ މިއަދު އާ ރަންވޭއަށް ފުރަތަމަ ޖެއްސި ދުނިޔޭގައި މިހާރު ދުއްވާ އެންމެ ބިޔަ މަތިންދާބޯޓު ތަކުގެ ތެރޭގައި ހިމެނޭ އޭ 380 މަރުކާގެ މަތިންދާބޯޓުންނެވެ.  

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުރާކުގެ ވަޒީރުންނާއި ރައްޔިތުން  މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.