ދިވެހި ޤައުމިއްޔަތުގެ ބަހާއަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއް ކުރުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްވެސް ފަރާތަކުން މިފަދަ ކަމަކަށް ސަރުކާރުގެ ކިބައިން އެދުމުގެ ފުރުސަތުވެސް ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިރޭ ކުރިއަށްދިޔަ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018" ގައި ބައިވެރިވަޑައިގެން ބަހުސްގައި އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިރޭގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބާރުފޯރުވައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ބޭރުގެ ބޮޑު އެއްވެސް ދައުލަތަކަށް ނޭންގޭނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށަކުން ލިބޭ އެއްޗަކުން އެރަށެއްގެ ކަންކަން ނުކުރެވޭނެ ކަމަށާއި، ތަރައްޤީ ގެނެވޭނީ ދަޢުލަތަށް ލިބޭ އާމްދަނީ މުޅި ރާއްޖެއަށް ބަހާލައިގެން ކަމުގައެވެ.
ރާއްޖެއަށް މިހާރު ލިބޭ އާމްދަނީން ލޯނު ނުނަގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުންވެސް ފޮރިންއިންވެސްޓަށް ފުރުސަތުދޭއިރު، ރާއްޖެ ފަދަ ކުދި ޤައުމުތަކުން ވެސް ބަރޯސާ ވަނީ ފޮރިން އިންވެސްޓްމަންޓަށް ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސްފައި ނުވާހާ މިންވަރަށް މިހާރު ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ލޯނު ދެއްކުމުގެ ޤާބިލްކަން މިހާރުގެ ސަރުކާރުގައި އެބަހުރި ކަމަށެވެ. މިމޭރުމުން ވާހަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އަހަރީ އާމްދަނީ އަކީ 20 ބިލިއަން ރުފިޔާ ކަމަށްވާއިރު، 2023 އާއި ހަމައަށްދާއިރު މިއަދަދު 82 ބިލިއަނަށް އިތުރުވާނެކަން ފާހަގަކުރައްވާފެއެވެ. 2023 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީއަށްވުރެ އިތުރަށް ވަޒީފާގެ ފުރުސަތު އުފައްދަވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭގެ ބަހުސްގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހިންގާ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަކީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަކަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ. އަދި އެމަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމުގެ އެއްވެސް ހެއްކެއް ލިބޭނެ ސައިންޓިފިކް ރިސަރޗެއް ނެތް ކަމަށާއި، އެހެންނަމެވެސް އެފަދަ ގެއްލުމެއް ލިބޭ ކަމަށްވާނަމަ އެކަށީގެންވާ ދިރާސާތަކާއެކު އެކަން ސަމާލުކަމަށް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ބޮޑު އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް ގްރޭޓަރ މާލެ އޭރިއާ ތަރައްޤީ ކުރައްވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް މާލެ ސަރަޙައްދަށް ބަދަލުވުމަށް މަޖުބޫރު ކުރެއްވުމަށް ނޫން ކަމަށާއި، މިއީ މާލޭގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅެމުންދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދެއްވުމަށް ތަނަވަސްކޮށްދޭ އިތުރު މަގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ލާމަރުކަޒީ ނިޒާމް ހިނގަމުން ދަނީ އެކަށީގެންވާ ގޮތަށް ނޫން ކަމަށާއި، މިނިޒާމް ރަނގަޅަށް ހިންގޭނީ މިނިޒާމްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްކުރައްވަން ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދެއްވުމަށް އިސްކަން ދެއްވައިގެން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ގޭންގް ނުވަތަ ގްރޫޕް މާރާމާރީތަކާއި އެކަމުގެ ނުރައްކާތެރިކަން މުޅިން ހައްލު ކުރުމަކީ ކުއްލިއަކަށް ކުރެއްވޭނެ ކަމެއް ނޫންކަމަށާއި އެކަމަށް އިތުރު ވަގުތު ނަގާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ފަސް އަހަރުގެ ތެރޭގައި ގޭންގް ވަޔަލެންސް 100 އަކުން 35 އިންސައްތަ ދަށަށް ހިނގައްޖެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޤައިދީންގެ އިންސާނީ ޙައްޤުތަކަށް އިހުމާލުނުވެވޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުން ރިހިބެލިޓޭޓް ކުރުމަށް ކުރާ ހޭދަ ކުޑަނުކުރެވޭނެ ކަމަށާއި، ބޭނުންވަނީ އެހޭދަ އިތުރުކޮށްގެން ވިޔަސް އެކުދިން އިސްލާހުކޮށްގެން އަނބުރާ މުޖުތަމަޢަށް ގެންނަވަން ކަމުގައެވެ.