ދިވެހިރާއްޖެއަކީ އޭޝިޔާ ސަރަޙައްދުގައި އޮތް އެންމެ ފަޚުރުވެރި، އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ހައްދަވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ވިލިމާލޭގައި ބޭއްވެވި ހަފުލާއެއްގައި ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފިނަމަ ރޭސިންގް ކުޅިވަރުގައި އުޅޭ ހުރިހާ ދިވެހި ޒުވާނުންނަށް އަމާޒުކުރައްވައިގެން ވިލިމާލޭގައި ބައިނަލްއަޤްވާމީ ރޭސިން ޓްރެކެއް ޤާއިމުކުރައްވާނެކަމަށާއި، ދިވެހި ޒުވާނުންގެ ތެރެއިން ރާޅާއެޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އަމާޒުކުރައްވައިގެން ރާޅާއެޅުންތެރިންނަށް ޚާއްޞަ މަންޒިލަކަށް ތަނބުރުދޫ ބަދަލުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

 މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ދިވެހިރައްޔިތުންނަށް އަދި ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ މަޤުޞަދުގައި ފަށްޓަވާފައިވާ ހިޔާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ހުޅުމާލޭ ޔޫތް ސިޓީގައި ހިޔާ މަޝްރޫޢު ފެށްޓެވިކަމުގައި ވިޔަސް މި މަޝްރޫޢު ނިމިގެން ދާނީ ވިލިމާލެ ސަރަޙައްދުގައިވެސް ހިޔާ އެކަމްޕްލިޝްޑްގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢަކުންކަން ފާހަގަކުރައްވައި މި މަޝްރޫޢު ނިމިގެން ދާއިރު 315,000 ދިވެހި ޒުވާނުންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.  އަދި، ޒުވާނުންގެ އުއްމީދާއި ގެދޮރުވެރިކަން ނެތް މީހުންގެ އުއްމީދާ ގުޅިފައިވަނީ ވިލިމާލެ 2 އާއި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ވިލިމާލެ 2 އަކީ އުއްމީދުން ފުރިގެންވާ ތަނެއްކަމަށާއި، ރާއްޖޭގައި މިއަދު ދެކެން ބޭނުން މިވާ އިޤްތިޞާދީ ކުރިއެރުމަށް ދާން ބޭނުންވާ މަގު އޮތީ ވިލިމާލެ 2 މަޝްރޫޢާއި ގުޅިފައިކަމަށެވެ.  މި ސަރުކާރުން މިކުރާ މަސައްކަތް ނިމިގެންދާއިރު ތިލަފުށްޓާއި، ވިލިގިއްޔާއި، ގުޅިފަޅާއި މާލެ ބުރިޖަކުން ގުޅިގެން ދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމަށާއި، ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކުން ނުކުރުމަށް ވަނީ ގޮވާލައްވައިފައެވެ.