ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރަކީ އިސް ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޤައުމެއް ވެސް ކޮންމެ ރަށެއް ވެސް ކޮންމެ މުޖުތަމަޢެއް ވެސް ކުރިއަރާ ދާނީ ޒުވާނުންގެ ހިތްވަރާއި ޒުވާނުންގެ ހުރި ކެރުންތެރިކަމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ މާލެ ސިޓީ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މާލެއަށް އައިސްފައިވާ ތަރައްޤީގެ ސަބަބުން އުއްމީދު އާވެ، މާލެއަކީ މިހާރު ދިރުންހުރި ނަމޫނާ ސިޓީއެއް ކަމުގައެވެ. ހަމައެއާއެކު ސިޓީތަކަކީ ޒަމާނީ ތަރައްޤީގެ ފަސޭހަތަކާއެކު ދިރިއުޅުމަށް ފަސޭހަ ސިޓިތަކަކަށް ސިޓީތަކަކަށް ހެއްދުވުމަށް ކުރާ މަސައްކަތުގެ ދަށުން ފުވައްމުލައް ސިޓީގެ މަގުތައް ވެސް ތަރައްޤީ ކުރަންޖެހޭ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ސިޓީތަކުގައި ނުނިމި ހުރި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ފުރިހަމަކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށްރަށުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ނިންމުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑެތި ހުރިހާ ރަށެއްގެ މަގުން ހެދުން ފަދަ ކަންކަން ނިންމަންޖެހޭ ކަމަށެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ އެކި ރަށްރަށުގައާއި ސިޓީތަކުގައި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ފުވައްމުލަކުން އައްޑު އަތޮޅު ހިތަދޫއަށް ކުނިގެންގޮސް ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނޭ ގޮތަށް 5 ބާވަތެއް އިމްޕޯޓްކުރުން ހުއްޓާލައި ހަމައެކަނި ރާއްޖޭގައި އުފައްދާ މިބާވަތްތަކަށް ބަރޯސާވެ، އަމިއްލަ ފުދުންތެރިކަން އިތުރުކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މިހާތަނަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުސަތު އުފައްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިވަޒީފާތައް އަދާކުރާ 99 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ ވަނީ ކުރިއަށް އޮތް ތާނގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި އެއްލައްކަ ފަސްދޮޅަސް ހާސް ވަޒީފާ އުފައްދަވާނެކަން ފާހަގަކުރައްވައިފައެވެ.

 މިރޭ ފުވައްމުލަކުގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވައި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅަށާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ އެމަނިކުފާނު ވަނީ ސ. ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން މިއަދު އެމަނިކުފާނު ވަނީ ފޭދޫއަށް ވަޑައިގެން މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނު މިއަދު ވަނީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްލައްވައިފައެވެ.