ދިވެހިން ކުރިޔަށްދިޔުމުގެ ހުރިހާވެސް އުއްމީދެއް އޮތީ ދިވެހި ރައްޔިތުންގެ މަސައްކަތާއި ގުޅިފައިކަމަށާއި، މިކަމަށް ބޭނުންވާ ތަރައްޤީ އޮތީ ރައްޔިތުންގެ އުއްމީދާ ގުޅިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި ތަޢުލީމީ ދާއިރާއަށް އެކަނި ނަޒަރު ހިންގާލިކަމުގައިވިއަސް މި ސަރުކާރުން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށްޓަކައި އާ އީޖާދީ ކަންތައްތަކެއް އެކުލަވާލައްވައިގެން ތަންފީޒު ކުރައްވަމުން ގެންދަވާކަން ހާމަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލް ކުދިންނަށް ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރަންފެށީވެސް މި އަމާޒުގެ ދަށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްޖޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިޚްލާސްތެރިކަމާއެކު ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިންގެ ޘަޤާފަތާއި، ދިވެހިންގެ ދީނާއި، ދިވެހިންގެ ޤައުމިއްޔަތުގެ މުހިންމު ސިފަތަކާއި ބަހާތައް ރައްކާތެރިކުރުމަށްޓަކައި ހުރިހާ ދިވެހިންވެސް ތެދުވެވަޑައިގަތުމަށް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި، އެމަނިކުފާނު ވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައެވެ.

ދެ ދުވަހުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ވެސް ރަސްމީކޮށް ފަށްޓަވައިދެއްވައިފައެވެ.