ތަރައްޤީ އަކީ ކޮންމެ ރައްޔިތެއްވެސް ބޭނުންވާނެ ކަމެއްކަން ފާހަގަކުރައްވާ، އަޅުގަނޑުމެން ވިސްނަންވީ ތަރައްޤީގެ ފަހަތުގައި  ތިބެ މަސައްކަތްކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް މިއަދު ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރަކާރުން ތަރައްޤީއަށްޓަކާ ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވައިލައްވައިފައެވެ. އަދި ޚާއްޞަކޮށް ރަށްރަށުގެ ތަރައްޤީއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ކަންތައްތަކުގެ މައްޗަށާއި، ކުރިއަށް އޮތް ދައުރުގައި ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވައިފައެވެ. އެގޮތުން މާމިގިލީގެ ހޮސްޕިޓަލް ތަރައްޤީކޮށްދެއްވާނެކަމަށާއި، ބެންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް މާމިގިލީގައި ޤާއިމުކޮށްދެއްވާނެކަމަށާއި، މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްޤީގެ ހުރަހަކަށް އެއްވެސް ރަށެއްގައި ތިބި މަދު މީސްކޮޅެއް ވެގެން ނުވާނެކަމަށެވެ. އަދި ރައްޔިތުންނަށް ތަރައްޤީގެ ސަބަބުން ލިބޭ ފައިދާތަކާއިމެދު ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ ކުރީގެ ބޯދާ ޚިޔާލުތަކުގައި ނުތިބެ އައު ވިސްނުންތަކަކަށް ޖާގަދޭނެ ރައްޔިތުންތަކެއް މި ސަރުކާރުގެ ތެރެއިން އުފެއްދެވިއްޖެކަމަށެވެ.  

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފައެވެ. މީގެއިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށާއި ތޮއްޑުއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.