ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑުއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފައެވެ. މީގެއިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައެވެ. 

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.