ޒުވާނުންނަކީ އަޅުގަނޑުމެންގެ ރައުސުލްމާލް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި، މިއަދު މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަކީ ޤައުމުގެ ރައުސުލްމާލްކަން ފާހަގަ ކުރައްވައި، ޒުވާނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އެގޮތުން ތައުލީމީ ދާއިރާއަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ މިސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެންނެވި ހެޔޮ ބަދަލުތަކުގެ ނަތީޖާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރުބިއްޔަތާއި ތަޢުލީމުގެ ދާއިރާއަށް ބަލާއިރު ދިވެހި ދަރިވަރުން ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުންނާއި، ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިމްތިޙާންތަކުން ހޯދަމުންދާ ރަންވަނަތައް ފާހަގަކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.
މިސަރުކާރުން ޒުވާނުންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސްކޮލަރޝިޕްތަކާއި، އެހެނިހެން ތަޢުލީމީ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ހިންގި ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ. މާމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އއ. މަތިވެރިއަށާއި، އއ. ތޮއްޑޫގެ އިތުރުން ދ. ކުޑަހުވަދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.