ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގައި، މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަހިބަދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ކުރިއަށްގެންދިޔަ ފެނުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އއ. މަތިވެރިއަށާއި، އއ. ތޮއްޑޫގެ އިތުރުން ދ. ކުޑަހުވަދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.