ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަރިއަތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދަނގެއްޗަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ދަނގެއްޗަށް ކުރައްވާ މި ޒިޔާރަތުގައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އއ. މަތިވެރިއަށާއި، އއ. ތޮއްޑޫއަށާއި، ދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.