ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނައިފަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލާއި، އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. 
 
މިއަދު ހަވީރު ނައިފަރުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލާއި އެ ރަށުގެ ބަނދަރު ހުޅުވައިދެއްވުމުގެ  ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ނައިފަރު ބަނދަރަކީ 1600 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި އެއަތޮޅު ހިންނަވަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގެން އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.