ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ތަރައްޤީކޮށްފައިވާ ވައިގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ބަނދަރު ތަރައްޤީކޮށް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

 މިއަދު ހަވީރު މިކަމަށްޓަކައި މާފަރުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ވައިގެ ބަނދަރު ހުޅުއްވައިދެއްވުމާއި، އެރަށު ބަނދަރު އިފްތިތާޙް ކޮށްދެއްވުމުގެގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ އެމަނިކުފާނު ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ރ. އިންނަމާދޫއަށާއި، އިނގުރައިދޫއަށް ވަޑައިގެން އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި މިއަދު މެނދުރުފަހު ރ. މީދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނު މިއަދު ހަވީރު ރ. މަޑުއްވަރިއަށްވެސް ވަނީ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.