އެމަނިކުފާނު ލޯބިކުރައްވަނީ ޞުލްޙައަށްކަމަށާއި، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ޙައްޤު ބަސް ވިދާޅުވުންމަތީ ދެމިހުންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށް މިއަދު މެނދުރުފަހު އެރަށުގައި  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ވާދަކުރައްވަނީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކަމަށާއި، އެމަނިކުފާނު ކުރިމަތިލައްވަނީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރީގެ ސަރުކާރަކުން 9 އަހަރު ދުވަހުން ހިއްކި ހުޅުމާލޭގެ ބިމަށް ވުރެ ބޮޑު ބިމެއް 9 ހަފްތާ ތެރޭގައި މި ސަރުކާރުން ހިއްކާފައިވާކަމަށާއި، މި ސަރުކާރުން ތަރައްޤީއަށް ކޮށްފައިވާ އެއްވެސްކަމެއް އިދިކޮޅު ފަރާތްތަކަށް ފެނިވަޑައިނުގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް މިހާތަނަށް 13 ފަހަރު ސަރުކާރުން ގޮވާލައްވާފައިވީ ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެއްމޭޒުދޮށުގައި ވާހަކަދައްކަން ވަޑައިގެންފައިނުވާކަން ފާހަގަކުރައްވާފައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދެއްވާ ވޯޓަކީ ރާއްޖޭގެ އަމާންކަމާއި، ޞުލްޙަ ޤާއިމުކުރަން ދެއްވާ ވޯޓަކަށް ހެއްދެވުމަށް ގޮވައިލައްވައިފައެވެ.

ރައިސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ އިއްޔެ ހެދުނެވެ.