ރާއްޖެ މިހާރު ދެކެމުންމިދާ ތަރައްޤީ ހުރިހާ ގިންތިއެއް ހިމެނޭގޮތަށް މުޅި އާބާދިއަށް އާންމުކޮށް ފަތުރާލަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫގެ ބަނދަރު އިފްތިތާޙުކޮށްދެއްވުމަށް މިއަދު ހެނދުނު އެރަށުގައި  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން މިކުރާ މަސައްކަތަކީ ލޯނު ނަގައިގެންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ގެނައުންކަމަށާއި، މި ސަރުކާރަކީ ނަގާ ލޯނުތައް ދެއްކޭވަރުގެ ޤާބިލުކަމާއި ހަކަތަ ހުރި ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި،  މިސަރުކާރުގައި ރާއްޖޭގެ ކުދިކުދި ރަށްތަކާއިމެދުވެސް އަމަލުކުރާނީ ހަމަހަމަ އުސޫލުންކަމަށާއި، މި ސަރުކާރުގެ ތަރައްޤީގެ ތަސައްވުރަކީ އެންމެންގެ ޙިއްޞާއޮވެގެން، އެންމެން ޝާމިލުވެގެން ގެންނަ ތަރައްޤީއެއް ރާއްޖެއަށް ގެނައުންކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީންކަމަށާއި، ކޮންމެ ރައްޔިތަކުމެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ލައްވަވާ ވޯޓަކީ  އިސްލާމްދީނުގެ މަތިވެރި ޝިޢާރު ޚިޔާރު ކުރައްވައިގެން ލައްވަވާ ވޯޓަކަށް ހެއްދެވުމަށް ގޮވައިލެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ އިއްޔެ ހެދުނެވެ.