ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫއަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންނަމާދޫއަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި، ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.