ދިވެހިރާއްޖޭގައި ދިމާވާ ހުރިހާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނީ މި ސަރުކާރުން ކަމަށާއި، މިކަން ދިވެހި ރައްޔިތުން ޤަބޫލުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދުވާފަރަށް ވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކުރައްވައިގެން މިރޭ އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުގައި ޒުވާނުން، ކަނބަލުން، އިސްރައްވެހިން، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ އެންމެ ބޮޑު އާބާދީއާއި އެންމެ ކުޑަ އާބާދީ ތަފާތު ނުކުރައްވާކަމަށާއި، މި ސަރުކާރުގެ މެނިފެސްޓޯ ބިނާވެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ދިމާލަކަށް އުންމީދު ލިބޭގޮތަށް ކަމުގައި ރައީސުލްޖުމހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ އިޤްތިޞާދީ ކުރިއެރުމާއިއެކު ދިވެހިންނަށް ތަނަވަސް ދިރިއުޅުމެއް ފެނުންކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ މަސައްކަތްކުރަންކެރޭ ކޮންމެ ދިވެހި ރައްޔިތަކުމެ އާނމްދަނީ ހޯދައިގެން ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ މީހަކަށްހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ދިވެހި ރައްޔިތަކުމެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ލައްވަވާ ވޯޓަކީ ޤައުމުގެ ތަރައްޤީއަށް ދެއްވާ ވޯޓަކަށް ހައްދަވައި، ޤައުމާއި ދޭތެރޭގައި ވިސްނަވާފައި ލައްވަވާ ވޯޓަކަށް ހެއްދެވުމަށް ގޮވައިލައްވައިފައެވެ.