ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ދިޔަމިގިލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ  ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ހޯމަ ދުވަހު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ތ. ވޭމަންޑޫއަށް ވަޑައިގެން ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ތ. ކަނޑޫދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެއަތޮޅު ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. 

މީގެއިތުރުން އެމަނިކުފާނު މިއަދު ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ.