ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ކޮޅުމަޑުލު ވިލުފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިލުފުއްޓަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިކުރައްވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ވިލުފުއްޓަށް ކުރައްވާ މި ޒިޔާރަތުގައި، އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި، އިއްޔެ ވަނީ ތ. ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ތ. ވޭމަންޑޫއާއި ތ. ކަނޑޫދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތ. މަޑިފުށްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.