ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ރައްޔިތުން އެހެން ތަނަކަށް ހިޖުރަކުރުވުމުގެ ބަދަލުގައި ރައްޔިތުން ދިރިއުޅެމުންދާ ރަށްރަށުން ކުރިމަތިވާ ދަތިތަކަށް ހައްލުހޯއްދަވައި ދެއްވައިގެން އެރަށެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން އެހީތެރިވެދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެއަތޮޅު ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލުހޯދައިދެވޭނީ މި ސަރުކާރަށްކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ކުންފުނިތައް ބާރުވެރިކުރުވަނީވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ހަލުވިކަމާއެކު ބާރަށް ކުރިއަށްގެންގޮސް ފުރިހަމަކޮށްދެއްވުމަށްކަން ފާހަގަ ކުރައްވާފައެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންފި ކަމުގައި ވާނަމަ ރައްޔިތުންގެ ބޮލަކަށްޖެހޭ މިންވަރު މިހާރު ހުރި މިންވަރަށްވުރެ ދެގުނައަށް އިތުރުކުރެއްވުމަށް ކަމުގައެވެ.
 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅުފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ފަތުރަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އިސްލާމްދީން ނޫން އެހެންދީނަކަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމާއި ރައްޔިތުންނަށް މަންފާލިބޭނެ އާ ކަންތައްތައް ތަޢާރަފުކޮށް ޒުވާނުންނަށް ޚާއްޞަ އަހަންމިއްޔަތުކަން ދޭނެކަން ކަށަވަރުކޮށްދިނުން މުހިންމު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ތ. ވޭމަންޑޫއަށް ވަޑައިގެން ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ތ. ކަނޑޫދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.