ބިން ހިއްކުނު މިންވަރަށް ބަލާއިރު، މެދުމިނުގެ އާ 20 ރަށާއި އެއްވަރުގެ ބިން މި ސަރުކާރުން މިހާތަނަށް ހިއްކައިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން ދަނީ ރަށުގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި، އެރަށަކަށް ބޭނުންވާ ކަންތައްތައް ފުއްދައިދެވޭތޯ ތަފާތު އެކި މަޝްރޫޢުތައް ހިންގަމުންކަމަށާއި، ރާއްޖޭގެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދެވޭނީ ރާއްޖެއަށް އިޤްތިޞާދީ ތަރައްޤީ ގެނެސްގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ހުށައަޅުއްވާ މެނިފެސްޓޯއަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތި އުނދަގޫ ކަންކަން ހައްލުކޮށްދެއްވުމަށް ސަމާލުކަންދެއްވައިގެން ތައްޔާރުކުރައްވާފައިވާ މެނިފެސްޓޯއެއްކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ތަރައްޤީކުރުމަށް މުހިންމު ވަނީ ދެ ކަމެއްކަމަށާއި، އެއްކަމަކީ އިންސާނީ ވަޞީލަތް ތަރައްޤީކުރުންކަމަށާއި، ދެވަނަ ކަމަކީ އެ ޤައުމެއްގެ ރައުސުލްމާލު އުފެއްދުންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފުއްދައިދެވޭވަރަށް މީހުން ބިނާ ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ ތ. ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ތ. ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެއަތޮޅު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، ތ. މަޑިފުށީގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.