ރައްޔިތުން އަބަދުވެސް ދައްކާނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގެ ތެރެއިން  ނުވެހުރި ކަންކަމުގެ ވާހަކަ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެމީހުންގެ ޙާލަތު ރަނގަޅުކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު އެކަންކަން ފުރިހަމަ ކޮށްދިނުމަށްޓަކާ 5 އަހަރުގެ ދައުރަކީ ކުރުމުއްދަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް ދައުރުގައި ވެސް އެމަނިކުފާނު އަމާޒު ހިއްޕަވާނީ ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ބާއްޖަވެރިކަމާއި ރަށްރަށަށް އަންނަ ތަރައްޤީ ފުރިހަމަކޮށްދެއްވައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ  ވިދާޅުވިއެވެ.

ކަންކަން އިޞްލާޙްކުރެވޭވަރުގެ ލީޑަރުން ތިބިއްޔާ ކުރިމަގު އުޖާލާވެގެންދާނެކަން ފާހަގަކުރައްވައި، މިއީ ވެރިންނާ ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުރިހާކަމެއްގައިވެސް މުޅިރާއްޖޭގެ މަސްލަޙަތާއި، މުޅި ރާއްޖޭގެ އަމާންކަން ރައްޔިތުން އިސްކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ. ދިވެހިންނަށް ދޫނުކުރެވޭނެ އަސާސްތަކަކާއި ބަހާތަކެއް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަސާސްތަކާއެކު ޤައުމީ މަސްލަޙަތާއި، އިސްލާމް ދީން ޙިމާޔަތްކުރުމަށް އެމަނިކުފާނު ވަކާލާތުކުރައްވާތީ ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތްތާނގައި އެކި ދާއިރާތަކުން ކުރެއްވުމަށް ރާއްވަވާފައިވާ ތަރައްޤީގެ އެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ޚާއްޞަކޮށް މާލީ ދާއިރާއިން ރައްޔިތުންގެ ފަސޭހައާއި ލާބައަށްޓަކައި ކުރެއްވުމަށް ރާއްވަވާފައިވާ ބައެއް ކަންކަމާއި، މަސްވެރިންނާއި މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކުރައްވާނެ ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތ. ތިމަރަފުށީގައި މިއަދު ބޭއްވި މިޖަލްސާގައި އެރަށުގެ ތަރައްޤީއަށް ކުރައްވާނެ ބައެއް ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ތ. ބުރުންޏާއި ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. މަޑިފުށްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.